ޑިފެންސް ހަރުދަނާކުރުމަށް ރިއަލް މެޑްރިޑް މަސައްކަތް ފަށައިފިއެވެ. މިގޮތުން ސެންޓަރ ބެކް އަދި ރައިޓް ބެކް ޕޮޒިޝަނަށް ކުޅުންތެރިއަކު ހޯދުމަށް އެ ޓީމުން ވަނީ މަސައްކަތް ފަށާފައެވެ.
މިހާރު ޓީމުގެ ގިނަ ޑިފެންޑަރުންނަށް އިންޖަރީގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ޑާނީ ކަރްވަޖަލްއަށް ލިބުނު ބޮޑު އިންޖަރީއާ ގުޅިގެން 10 މަހަށްވުރެ ގިނަ ދުވަހު ކުޅެވޭގޮތް ނުވާނެއެވެ. އޭޑަރ މިލިޓާއޯ އަދި ޑޭވިޑް އަލާބާއަށްވެސް ވަނީ އިންޖަރީގެ މައްސަލަތަކާ ކުރިމަތިވެފައެވެ.
މި ހާލަތުގައި ސާޖިއޯ ރަމޮސް އަނބުރާ ޓީމަށް ގެނައުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. ކުރީގެ ކެޕްޓަން އަދި ކްލަބުގެ ލެޖެންޑް ކުޅުންތެރިޔާ ރަމޮސް މިހާރު އެއްވެސް ޓީމެއްގައި ނުހިމެނެއެވެ. އަދި އޭނާ ބޭނުންވަނީ ރިއަލް މެޑްރިޑަށް އަނބުރާ އައުމަށް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ރަމޮސްއާއި ރިއަލް މެޑްރިޑްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރެޒްއާ ދެމެދު ކުރިން އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ރަމޮސް އަނބުރާ ގެނައުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ޕެރެޒް އަކީ ދެވަނަ ފުރުސަތު ދޭ މީހެއް ނޫނެވެ.
މި ހުރިހާ ކަމަކާއެކުވެސް ރިއަލް މެޑްރިޑުން ވަނީ މި ސީޒަންގެ ވިންޓަރ ޓްރާންސްފަރ ވިންޑޯގައި ޑިފެންސް ހަރުދަނާކުރުމަށް އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ފަށާފައެވެ.









