އެހެން ޤައުމަކަށްވުރެ ދިވެހިރާއްޖެއަށް ޗާގޯސްގެ އައުލާކަން މާ ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރޯމާ ދުވާލު ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާއި ޤާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ އަހާލުމެއް ނެތި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށެވެ. އެކަން ކޮށްފައިވާ ގޮތުން އެ މައްސަލަ ޙައްލުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރެޔާއި ދުވާލު އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި ސަރުކާރު އުފެދުނީއްސުރެ އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއް ދާއިމީކޮށް ޔޫއެންގައި ހުންނަ ކަމަށެވެ. އަދި އެތަނުގައި ހުރެގެން ކުރަންޖެހޭ މަސައްކަތް އޭނާ ކުރަމުން އަންނަ އިރު ވަކީލުންގެ ޓީމަކުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުން މޮރިޝަސް އަށް ޗާގޯސް ޙަވާލުކުރުމުގެ ވާހަކަތަކެއް އަޑު އިވިވަޑައިގަތުމުން، އެތަނަކީ ރާއްޖޭގެ ތާރީޚީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ސިޓީއެއް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާ އެކުގައި، ފެންނާން ހުރި ލިޔެކިޔުންތައް ހުރުމާއެކުގައި، އެހެން ޤައުމަކަށް ވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު، ދިވެހިރާއްޖޭގެ ތަނެއް ގޮތުގައިވެސް ބެލިދާނެ ތަނެއް ކަމަށް ތާރީޚީ ގޮތުން ފެންނަން ހުރުމާ އެކީގައި އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ މިހާރު ސިޓީ ފޮނުވާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުންމީދަކީ އިންސާފުވެރި ގޮތެއްގައި އެކަމުގައި ފައިސަލާކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ އެއްވެސް ޙާލެއްގައި ޒިންމާއިން ރެކޭނެ ސަރުކާރެއް ނޫން ކަމަށާއި، ރައްޔިތުން އެދޭ ގޮތަކަށް އެކަމެއް ކުރުމަށް އެމަނިކުފާނުވެސް ހުންނެވީ ﷲ ގަންދީ ހުވާކުރައްވައިގެން ކަމަށެވެ. އެގޮތުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަނޑުން ގެއްލުވާލި ބައި ހޯދުމުގައިވެސް މި ސަރުކާރުން ދާނީ ފަހަތަށް ޖެހުމެއް ނެތި ބާރަށް ކުރިއަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލަހައްޓަން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށް، ޤައުމުގައި ވައިގެ ބާރެއް އުފައްދާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.









