ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ.
މި ޝަރަފު އަރުއްވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ޑރ. ޒާހިރަށް މި ޝަރަފު އެރުއްވުމަށް ރައީސް މުޢިއްޒު ނިންމެވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ތަޢުލީމު ފުޅާކުރެއްވުމަށާއި، އަދި ތަޢުލީމީ ރޮނގުން ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މީގެ އިތުރުން މިރޭގެ ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމާއި ދަޢުލަތުގެ އިނާމުވެސް ދެއްވާފައެވެ. އެގޮތުން ރައީސް މުޢިއްޒުގެ އަތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު 40 ބޭފުޅަކަށް އަދި ދައުލަތުގެ އިނާމު 53 ބޭފުޅަކަށް ވަނީ އަރުއްވާފައެވެ. މިއީ އެކި ދާއިރާތަކުން މަތީ ދަރަޖަ ޙާސިލުކުރައްވާފައިވާ ފަރާތްތަކަށް އެރުވޭ ޚާއްޞަ ޝަރަފެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.









