ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އިތުރަށް މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މިފަދައިން އިލްތިމާސްކުރެއްވީ ސައުދީ ޢަރަބިއްޔާގެ ރިޔާދުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް" އަށް ތައްޔާރުވުމުގެ ގޮތުން ފޮރިން މިނިސްޓަރުންގެ ފެންވަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ދެއްވި ތަޤްރީރުގައި، އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތަކާއި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާތަކަށް ލުޔެއް ލިބިފައިނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލްކުރަމުންދާ އަނިޔާތަކުން އަރައިގަތުމަށް އެހީވުމަކީ މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، މި މަގުގައި ޢަމަލީ މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
މިނިސްޓަރ ވަނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިންގަމުންގެންދާ ޢަމަލުތައް ކުށްވެރިކޮށް ވަކި ޤައުމެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި އ.ދ. ގެ ސަލާމަތީ މަޖިލިސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ފަދަ ޕްލެޓްފޯމްތަކުގައި އިސްރާއީލް ޖަވާބްދާރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްފާއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވައި، އިސްލާމީ ޤައުމުތަކާއެކު ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަސްނުޖެހެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުންކަމަށެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓަކީ ސަޢުދީއަރަބިއްޔާގެ ސަރުކާރާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ލީގް އޮފް އަރަބް ސްޓޭޓްސް އާ ގުޅިގެން ފަލަސްތީން އަދި ލުބްނާނަށް އިސްރާއީލުން ދެމުން ގެންދާ ޙަމަލާތަކަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.









