މެންޗެސްޓަރ ސިޓީ ވަނީ ވިދިވިދިގެން ހަތަރު މެޗުން ބަލިވެފައެވެ. މިއީ ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި ފުރަތަމަ ފަހަރަށް ވިދިވިދިގެން ހަތަރު މެޗުން ބަލިވި ފަހަރެވެ. އަދި މިއީ 2006 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ފަހުން ސިޓީ ވިދިވިދިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ބްރައިޓަންއާއި ދެކޮޅަށް ކުޅުނު މެޗުގައި އާލިންގ ހާލަންޑް ވަނީ ފުރަތަމަ ހާފުގައި ސިޓީއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ބްރައިޓަންގެ ސަބްސްޓިޓިއުޓުން ކަމުގައިވާ ޖޮއާއޯ ޕެޑްރޯ އާއި މެޓް އޯރައިލީ ވަނީ ވިދިވިދިގެން ދެ ލަނޑު ޖަހައި މެޗު ބަދަލުކޮށްލާފައެވެ.
މި 2-1 ލަނޑުގެ ބަލިވުމާއި ގުޅިގެން ގާޑިއޯލާ ބުނެފައިވަނީ މިހާރު އެ ޓީމަށް 90 މިނެޓު ހަމައަށް ރަނގަޅަށް ކުޅެވޭ ވަރު ނުވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅުންތެރިން އަނބުރާ އައުމުން ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބްރައިޓަން ރޭގެ މެޗުން މޮޅުވެ 4 ވަނައަށް 19 ޕޮއިންޓާއެކު ޖެހިފަވާއިރު ، މިރޭ އާސެނަލްއާއި ޗެލްސީ ބައްދަލުކުރާ މެޗުގެ ނަތީޖާ ދައްކާ ގޮތުން ބްރައިޓަން 5ވަނައަށް ވެއްޓިދާނެއެވެ. ސަބަބަކީ އާސެނަލް އާއި ޗެލްސީ މިއިން ކޮންމެ ޓީމަކަށްވެސް މިވަގުތު ލިބިފައިވަނީ 18 ޕޮއިންޓް ކަމަށް ވާތީއެވެ. ރޭ ބަލިވި ސިޓީ އޮތީ ދެވަނައިގައި 23 ޕޮއިންޓާއެކުއެވެ.









