އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ 22 އަންހެން މުވައްޒަފުން ތަމްރީނު ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް މިއަދު ފުރައިފިއެވެ. މި ދަތުރަކީ މައްކާގެ ވަޤުފު މުއައްސަސާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދަތުރެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުގައި މުވައްޒަފުން ޢުމްރާކުރުމުގެ އިތުރުން، ޢިލްމީ ދައުރާއަކާއި، މައްކާގެ ތާރީޚީ، ދީނީ އަދި އިޖުތިމާޢީ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މުވައްޒަފުން މި ދަތުރަށް ފުރުމުގެ ކުރިން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދަތުރުގައި ބައިވެރިވާ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ ދަތުރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ލިބޭ ތަމްރީންތަކުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި ދަތުރުތަކަކީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން އެއްވެސް ޚަރަދެއް ކުރާ ދަތުރުތަކެއް ނޫން ކަމަށެވެ. އަދި މިއީ ވުޒާރާގެ މުވައްޒަފުންގެ ފެންވަރު މަތިކޮށް، އިތުރު ތަމްރީންތައް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ދަތުރެއްކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.









