ރިޔާދުގައި ބޭއްވޭ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް އިސްލާމިކް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު ސައުދީ ޢަރަބިއްޔާއަށް ވަނީ ފުރާވަޑައިގެންފައެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސަމިޓުގެ އިތުރުން އެހެނިހެން ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ސަމިޓާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ސަމިޓުގައި އިސްލާމީ އުއްމަތަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަލަސްޠީނުގެ މައްސަލައާއި ގުޅިގެން ދިވެހިރާއްޖެއިން ވަނީ ޔަހޫދީން ހިންގަމުންދާ ޤަތުލްޢާމް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ހުރިހާ މަންސަތަކެއްގައި ދިވެހިރާއްޖެއިން ގޮވާލަމުންދެއެވެ.









