ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރާއްޖޭގެ ރާޅުތައް މޮނިޓަރކުރުމުގެ އައު މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގައި އިރުގެ އަލީގެ އިތުރުން އެހެން ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތުތައް ދެނެގަތުމެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢަކީ ރާއްޖޭގައި ރިނިއުބަލް އެނަރޖީ 33 އިންސައްތައަށް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ދަށުން، ޤައުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކަނޑުގެ ރާޅުތަކުގެ ބޭނުން ހިފޭނެ މިންވަރު ދެނެގަތުމަށްޓަކައި ތަފާސްހިސާބު އެއްކޮށް، އެ މަޢުލޫމާތު ދިރާސާކުރެވޭނެއެވެ. ރާޅުގެ ހަކަތައިގެ ބޭނުން ހިފުމުން ލިބޭ ފައިދާތަކުގެ ތެރޭގައި، އިރުގެ އަލީގެ ބޭނުން ހިފުމާ އަޅާބަލާއިރު މޫސުމުގެ ބަދަލުތަކުގެ ސަބަބުން ރާޅުތަކަށް ކުރާ އަސަރު ކުޑަވުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމުގެ ފުރުސަތު އޮތުން ހިމެނެއެވެ.
ސްޓެލްކޯއިން މި މަޝްރޫޢު ފެށުމަކީ، ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ދިރާސާގެ ތެރެއިން، މިހާރު ބޭނުންކުރަމުންދާ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއެކު ރާޅުގެ ހަކަތަ ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަނެ، އެކަމުގެ ސަބަބުން ހަކަތައިގެ ވިއުގަ އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑުވާނެ މިންވަރު ވަޒަންކުރުމަށް ސްޓެލްކޯއިން ގަސްދުކުރެއެވެ.
މި މަސައްކަތަކީ ރާއްޖޭގެ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި މުސްތަޤުބަލަކަށް ކުރާ މަސައްކަތާ އެއްގޮތްވާ ގޮތުގެމަތިން، ރިނިއުބަލް އެނަރޖީއާ ގުޅޭގޮތުން ޤައުމުން ކަނޑައަޅާފައިވާ އުއްމީދީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ މަސައްކަތެކެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، "މި މަޝްރޫޢަކީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލަށް ވަރަށް މުހިންމު މަސައްކަތެއް. ރާއްޖެއަކީ ކަނޑުން ބޮޑު ޤައުމަކަށްވާއިރު، ރާޅުގެ ހަކަތައިގެ ބޭނުން ހިފުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ ވަސީލަތެއްގެ އެންމެ ފުރިހަމަ ބޭނުން ހިފުން. މި ދިރާސާގެ ނަތީޖާއިން އަޅުގަނޑުމެންނަށް އާ ހޯދުންތަކެއް ލިބި، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިދާނެ ކަމަށް އުއްމީދުކުރަން." ހުސެއިން ފަހުމީ.









