ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ނިންމަވާފައެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޑރ. ޒާހިރަށް މި ޝަރަފު އެރުވުމަށް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ 40 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 53 ބޭފުޅަކަށް ދެއްވުންވެސް އޮންނާނެއެވެ.
ޚާއްޞަ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާއިބެހޭ ކޮމިޓީންނެވެ. އަދި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވާފައިވަނީ، ޤައުމީ އިނާމާއިބެހޭ ކޮމިޓީންނެވެ.
މި ޖަލްސާގައި އެރުވޭ އިނާމުތަކާއި ޝަރަފުތަކަކީ ދިވެހި ދައުލަތުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެއްވާ އެންމެ މަތީ ފަންތީގެ އިނާމުތަކެވެ.









