މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މިރޭ ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ހުޅަނގާއި، ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހެނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ އުތުރުގެ އަތޮޅުތަކަށް ކަނޑުތައް މަޑުވި ނަމަވެސް އެހެން ސަރަޙައްދުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށާއި، އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން އުޅޭނީ 1 ފޫޓާއި 3 ފޫޓާއި ދެމެދު ކަމަށް މެޓް އިން ބުންޏެވެ.









