ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 13 ބިދޭސީން މާލެއިން އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ ސަރުކާރުން ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ހޯދުނު މީހުންނެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި މަހުގެ ހަވަނަ ދުވަހު މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ޞައްޚަ ވިސާއެއް ނެތި އުޅެމުންދިޔަ 13 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ މަހުގެ 17 އާ ހަމައަށް ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.
ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މާލެ ސަރަޙައްދުގައި ވަރުގަދަ އޮޕަރޭޝަންތައްވެސް ދަނީ ހިންގަމުންނެވެ.









