އެމެރިކާގެ މިއަހަރުގެ އިންތިޚާބު ބޮޑުތަނުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވުމާއެކު، ގައިމުވެސް ގްލޯބަލް މާކެޓަށް ބޮޑު ބަދަލެއް އަންނާނެ ކަމީ ގިނަ ބައެއް އެކަމާ ދެބަސްނުވާނެ ކަމެކެވެ،
މިހާރުވެސް ގިނަ ބަދަލުތަކެއް ގްލޯބަލް މާކެޓަށް ވަނީ އައިސްފައެވެ. އެގޮތުން ވޯލް ސްޓްރީޓްސްގައި އެމެރިކާގެ ކުންފުނިތަކުގެ ޙިއްސާގެ އަގު އުފުލި، ފާއިތުވި އަށް އަހަރު ތެރޭ ޑޮލަރުގެ އަގު ނުއުފުލޭހާ މިންވަރަށް އަގު މައްޗަށް އެރީ ޓްރަމްޕް އަށް އިންތިޚާބު ކާމިޔާބުވި ފަހުންނެވެ. މި ކުރިއެރުމަކީ ޓްރަމްޕްގެ ސިޔާސަތުތަކާއެކު އެމެރިކާގެ އިޤްތިސާދަށް އަންނާނެކަމަށް ބެލޭވޭ ބަދަލާއެކު އައި ކުރިއެރުމެކެވެ.
މީގެ އިތުރުން ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާއާއި ގާތް ގުޅުން ބާއްވާ ޔޫރަޕުގެ ޤައުމުތަކުން (ޔޫރަޕިއަން އެލައިސް) ދިފާއީ ހަރަދުތަކަށް އިތުރަށް ފައިސާ ދައްކަން މަޖުބޫރުކުރުވައެވެ. މީގެ އިތުރުން މަލްޓިލޭޓަރަލް މުއައްސަސާތަކާއިމެދު އުފައްދާ ޝައްކުތަކާހެދި ދުނިޔޭގެ އެހެންނިހެން ޤައުމުތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ދަތިވެގެންދާނެއެވެ.
އެގޮތުން އެނަލިސްޓުން އަންނަނީ މިކަންކަމާ ގުޅިގެން ޑޮލަރުގެ އަގަށް 3 އިންސައްތަ ކުރިއެރުމެއް ލިބި، ޔޫރޯގެ އަގު ދައްވާނެ ކަމަށް ލަފާކޮށްފައެވެ. ހަމަމިއާއެކު ޗައިނާގެ ޔުއާންގެ އަގުވެސް ދަށްވާނެ ކަމަށް ލަފާ ކުރެއެވެ.
މިފަދައިން ކްރިޕްޓޯކަރަންސީގެ ޤަވާޢިދުތަކަށް ޓްރަމްޕްގެ ސިޔާސަތުގައި ލުއި ދިނުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން ބިޓްކޮއިންގެ އަގުވެސް ވަނީ އުފުލިފައެވެ.
ޓްރަމްޕް ވެރިކަމަށް އައުމަށް ކެމްޕެއިން ކުރި އިރު ބޮޑެތި ކުންފުނިތަކުގެ ޤަވާޢިދުތަކަށާއި އެމީހުންގެ ޓެކްސްއަށް ލުޔެއް ދިނުމަށް ވެފައިވާ ވަޢުދާއެކު، އެމަރިކާގެ ބޭންކުތަކާއި، ޓެކްނޮލޮޖީ އަދި ދިފާއީ ދާއިރާގެ ކުންފުނިތަކަށް ފައިދާ ރަނގަޅުވެގެންދާނެއެވެ.









