އާސަންދަ ރިފޯމްކުރުމަކުން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ހެލްތު އެކްސްޕޯ 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ އާސަންދަ ރިފޯމްކުރުމަކުން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށާއި އާސަންދަ އިންޝުއަރެންސް ސްކީމުގެ ފައިދާ އެންމެ ބޭނުންވާ ފަރާތްތަކަށް ލިބި، ނިޒާމުގައި ހުރި 'ލޫޕްހޯލްތައް' ބަންދުކުރުމަކީ މި ނިޒާމު ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. "އެތައް ފަންނީ މާހިރުންނެއް މިހާރު ވަނީ މި ނިޒާމާއި ގުޅޭ ކަންކަން ދިރާސާކޮށް، މިއަދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިއްޖެނަމަ މާދަމާ ރައްޔިތުންނަށް ކުރިމަތިވެދާނެ ގެއްލުމުގެ ވާހަކަ ކިޔާދީފައި" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، މި ފަސްއަހަރުގެ ދައުރު ނިމޭއިރު ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
"ހެލްތު އެކްސްޕޯ 2024" ގެ މަޤްޞަދަކީ ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދީ، ބަލިވީމަ ބޭސްކުރާ ނިޒާމެއްގެ ބަދަލުގައި ބަލިވުމުގެ ކުރިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އާދަ އަށަގަތުމަށް ޢާންމުން ހޭލުންތެރިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި އެކްސްޕޯގައި 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ މިއަހަރު ފެށި މި އެކްސްޕޯ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ބާއްވާނެ ކަމަށާއި، މިއަހަރު މާލޭގައި ބޭއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ފުޅާކުރައްވާނެ ކަމަށެވެ.
"ހެލްތު އެކްސްޕޯ 2024" މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:00 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. މި އެކްސްޕޯގައި މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މި އެކްސްޕޯގައި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ޚާއްޞަ ޙަރަކާތްތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާ ގުޅޭ މަޢުލޫމާތު، ހެދިބޮޑުވުމާ ގުޅޭ މަޢުލޫމާތު، ވެކްސިންއާއި އެހެނިހެން ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މިނިސްޓަރ ނާޒިމްގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާއިން މި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާއި، ކޮލިޓީ ބޭސް ފޯރުކޮށްދިނުމާއި، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ދުޅަހެޔޮ އާބާދީއަކަށްވުރެ ބޮޑު އެސެޓެއް ޤައުމެއްގައި ނޯންނާނެ ކަމަށެވެ. އަދި މި އެކްސްޕޯގެ މަޤްޞަދަކީވެސް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދީ، ބަލިވުމުގެ ކުރިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ދުޅަހެޔޮ އާދަތައް އަށަގަތުމަށް އާންމުން ހޭލުންތެރިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.









