މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރެއްވި ވިޔަފާރިވެރިންގެ ޓީމަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މިސްކިތުގެ ބިންގާ ޑިސެމްބަރު މަހުގެ ތެރޭގައި އަޅާ ރޯދަ މަހުގެ ފަހުން މިސްކިތުގެ ޢަމަލީ މަސައްކަތް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.









