ތ.ކަނޑޫދޫ "މިދިލިމާގެ" މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ޗެނަލް ނިއުސް މޯލްޑިވްސް، (ސީއެންއެމް) އިން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތެއް ނެތް ޚަބަރެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކަނޑޫދޫ ކައުންސިލުން ހޮނިހިރު ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެގައިވަނީ މިނިވަން ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި، އިވޭހާ އަޑަކީ ތެދުކަމަށް ނިންމައި، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި، ޙަސަދަ، އަދި ޙަޤީޤަތާ ޚިލާފު ޚަބަތު ފެތުރުން ކަމަށް އެ ކައުންސިލުން ނުދެކޭ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެރަށަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މަދުރަށްތަކުގެ ތެރެއިން ރަށެއް ކަމަށް އެކައުންސިލުން ބުނެފައިވެއެވެ. އަދި މި ނޫސްބަޔާނުގައި އެ ކައުންސިލުން ބަޔާން ކޮށްފައިވާ މައްސަލަ ސީއެންއެމް އިން ޝާއިޢުކޮށްފައިވަނީ އެ ކައުންސިލުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމެއް ނެތި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން އެ ރަށާއި އެ ރަށުގެ ރައްޔިތުންނާއި މެދު އެހެން ފަރާތްތަކުން ދެކެމުން އަންނަ ގޮތަށް ކިލަނބުކަމެއް އަންނާނެ ފަދައިން މިފަދަ ޚަބަރެއް އާންނުކުރުމީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ކައުންސިލުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި މިކަމާއި ކަނޑޫދޫ ރައްޔިތުންކިބައިން ސީއެންއެމްއިން މައާފަށް އެދުމަށް އެކައުންސިލުން ގޮވާލާފައިވެއެވެ.
ކައުންސިލުން މި ނޫސްބަޔާން ނެރެފައިވަނީ ހޮނިހިރު ދުވަހު ސީއެންއެމް ނޫހުން ޝާއިޢު ކުރި ޚަބަރު، ލަގެޖުން މަސްތުވާތަކެތި ފެނިގެން ކަނޑޫދޫ މީހަކު ބަންދުކޮށްފި" މި ޚަބަރަށް ރިޢާޔަށްކޮށެވެ.









