ޖަޕާނުގައި ކުރިން ހުންނެވި ރާއްޖޭގެ ސަފީރު އަދި ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލަށް، ޖަޕާނުގެ އެމްޕެރާ ޚާއްޞަ ޝަރަފެއް އަރުވައިފިއެވެ. މި ޝަރަފަކީ "އޯޑާ އޮފް ދަ ރައިސިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ" ގެ ޝަރަފެވެ.

ޚަލީލް އެވޯޑާއެއެކު.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ މި ޝަރަފު ދިވެއްސަކަށް އެރުވުނު ފުރަތަމަ ފަހަރެވެ. މި ޝަރަފަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދޭ ފަރާތްތަކަށް ޖަޕާނުގެ އެމްޕެރާ ދެއްވާ ޝަރަފުގެ އިއްޒަތެކެވެ. ޚަލީލަށް މި ޝަރަފު އެރުވީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އޭނާ ކޮށްދެއްވި ޚިދުމަތަށް ޓަކައެވެ.
މި ޝަރަފަކީ 1875 ގައި އެމްޕެރާ މެއިޖީ ދެއްވަން ފެށި އެވޯޑެކެވެ. މިއީ ޖަޕާނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ދެއްވާ ޝަރަފެކެވެ.
ޚަލީލަކީ ހާރިޖީ ދާއިރާގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އަހުމަދު ޚަލީލަށް ކުރީ ސަރުކާރުގައި ވަނީ ހާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ވެސް އަރުވާފައެވެ. މިހާރު ޖަޕާނުގެ އެމްޕެރާ ދެއްވި މި ޝަރަފަކީ އޭނާގެ ދިގު މުއްދަތުގެ ޚިދުމަތަށް ލިބުނު އިތުރު ބޮޑު ޝަރަފެކެވެ.









