އިމާމުންނަށް އިތުރު ތަމްރީން ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 15 އިމާމަކު ތަމްރީނަށް އިންޑޮނޭޝިޔާއަށް ފުރައިފިއެވެ.
މި ދަތުރުގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ ވަޤުފް އިންސްޓިޓިއުޝަން ފޯރ އިސްލާމިކް ސިވިލައިޒޭޝަންގައެވެ. މި ދަތުރުގައި އިމާމުން އިންޑޮނޭޝިޔާގެ މަޝްހޫރު ބައެއް މިސްކިތްތަކާއި ތަންތަނަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ދަތުރު ކުރިއަށް ދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ދަތުރަށް އިމާމުން ފުރުމުގެ ކުރިން، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިމާމުންނާއި ބައްދަލުކުރައްވާ ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި، ލިބިލައްވާ ޢިލްމާއި މަޢުލޫމާތުތަކުގެ ބޭނުން ޢަމަލީ މައިދާނުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލައްވާފައެވެ.
މިއަހަރުގެ މިހާތަނަށް އިތުރު ތަމްރީނަށް 100 އިމާމުން ރާއްޖޭން ބޭރަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށާއި، ބުރޫނާއީގެ އިތުރުން މެލޭޝިޔާއަށްވެސް އިމާމުން ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އިމާމުންނަށް އިތުރު ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާފައިވާކަމެއްކަން ފާހަގަކޮށްލެވެއެވެ.









