ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަންސް ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން އިޓަލީގެ އޭސީ މިލާން މޮޅުވެއްޖެއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އޭސީ މިލާން މޮޅުވުމާއެކު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު 18 ވަނައިގައެވެ.
މި މެޗުގެ 12 ވަނަ މިނިޓުގައި މިލާނުން ވަނީ ލަނޑެއް ޖަހައި ރެއާލް މެޑްރިޑްގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަލިކް ތިއާއޯ އެވެ. މިލާނުން ލަނޑެއް ޖެހިތާ 11 މިނިޓު ފަހުން ރިއަލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
އިޓަލީގެ އޭސީ މިލާނުން ވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލްވާރޯ މޮރާޓާ އެވެ. މި މެޗުގައި މިލާނުން ޖެހި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ތިޖާނީ ރެއިންޑާރސް އެވެ.
މި މެޗުން ބަލިވުމާއެކު މެޑްރިޑް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ. ރެއާލް މެޑްރިޑަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް 17 ވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު، އެއްވެސް މެޗަކުން ބަލިނުވެ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެކޮޅަށެވެ.









