ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އިއްޔެ އެންމެ ގިނައިން ވާރެ ވެހިފައިވަނީ ކ. ކާށިދޫއަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ ކާށިދޫއަށް އިއްޔެ 43.9 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށެވެ. އެ މިންވަރަށް ވާރޭ ވެހިފައިވަނީ އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު ނ. މާފަރަށް ވެހިފައިވަނީ 38.8 މިލިމީޓަރު ކަމަށެވެ.
މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ހަވީރު 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އިން ބުންޏެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އިން ބުންޏެވެ.









