ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދޮންމަންމާފުޅަށް ބައްޕާފުޅުގެ ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގެ ތެދު މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫނެވެ. ނަމަވެސް މިފަދަ ދޮގު ވާހަކަތަކެއް ފެތުރެމުންދާތީ، ޙަޤީޤަތް ހާމަކުރެއްވުމަށް މަޖުބޫރުވެވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ކޯޓު މަރުޙަލާއިންކަމަށް ރައީސް ވިދާޅުވިއެވެ. ސްރީލަންކާގައި ބައްޕާފުޅުގެ ތިން ބިމެއް ހުރި ކަމަށާއި، އޭގެ ތެރެއިން ދެ ބިމެއް ހުރީ ކޮލޮމްބޯގައި ކަމަށާއި، އަނެއް ބިން ހުރީ ކެންޑީގައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން ދެ ބިމެއްގައި ގެސްޓްހައުސް ހަދައި ވިޔަފާރި ފަށާފައިވާ ކަމަށާއި، އަނެއް ބިމުގައި ހުރި ޢިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާ ތަނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"ލަންކާގައި ހުރި ތިން ގޯއްޗާއި ޢިމާރާތާއި ހުރިހާ އެއްޗެއް ފައިސާއާއެކު އެހުރީ ދޮންމަންމައަށް ދީފައި. އިތުރަށް ކުރި އެއްވެސް ކަމެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސްގެ ދޮންމަންމާފުޅު، ހުވަފަތް އަނބިކަނބަލެއްގެ ހައިސިއްޔަތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް އެމަނިކުފާނުގެ އަގު ވައްޓާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. "މިހާބޮޑަށް އޮޅުވާލާ އަގުވައްޓާލަން މިއީ ސިޔާސީ ވިސްނުމެއްގައި ކުރާކަމެއް. އަޅުގަނޑުގެ ބޮލުގައި އަޅުވަން ދައްކާ އެއްވެސް ވާހަކަތަކަކީ އަޅުގަނޑާ ގުޅިފައިވާ ވާހަކަތަކެއް ނޫން." ރައީސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބައެއް މީޑިއާތަކުން ވަނީ އެ ވާހަކަތައް ގެނެސްފައެވެ. އަދި އިންތިޚާބާ ދިމާކޮށް ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ކުރިއެވެ. އެ ތުހުމަތުތައް ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން އޭރުވެސް ވަނީ ދޮގު ކުރައްވާފައެވެ. ރައީސް އޭރުވެސް ވިދާޅުވެފައިވަނީ އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް ކަމަށެވެ.
"އަޅުގަނޑަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫން. ދައްކާނަމަ އަބަދުވެސް ދައްކާނީ އެމީހެއްގެ ރަނގަޅު ވާހަކަތައް. ޚާއްޞަކޮށް ޢާއިލީ ޒާތީ ކަންކަމުގެ ތަފްސީލު ވާހަކަތައް ހިއްސާކުރަން ވަރަށް ދަތި." ރައީސް ވިދާޅުވިއެވެ.
މި މައްސަލައިގައި ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ދެއްވި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، އެމަނިކުފާނުގެ ބައްޕާފުޅުގެ ތަރިކައިގެ މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށެވެ. އަދި ލަންކާގައި ހުރި މުދަލާއި ފައިސާ ދޮންމަންމާފުޅަށް ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.









