އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނަމުންދާއިރު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބީ އިޢުލާންކުރައްވައިފިއެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޓްރަމްޕަށް އިލެކްޓޯރަލް ކޮލެޖްގެ 267 އިލެކްޓަރުންގެ ވޯޓު ލިބިފައިވާއިރު، އިންތިޚާބު ކާމިޔާބުކުރުމަށް ދެން ބޭނުންވަނީ އިތުރު 3 އިލެކްޓަރުންގެ ވޯޓެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް 538 އިލެކްޓަރުންގެ ތެރެއިން 270 އިލެކްޓަރުންގެ ވޯޓު ލިބުން ލާޒިމުވެއެވެ. ޓްރަމްޕްގެ ވާދަވެރިޔާ، މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް މިހާތަނަށް ލިބިފައިވަނީ 214 އިލެކްޓަރުންގެ ވޯޓެވެ.
އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގައި އެންމެ މުހިންމު 7 ސްވިންގް ސްޓޭޓުގެ ތެރެއިން ޓްރަމްޕް ވަނީ 2 ސްޓޭޓެއް ކާމިޔާބުކުރައްވާފައެވެ. އަދި އިތުރު 2 ސްޓޭޓެއްގައި ކުރިއަށް ވަޑައިގަންނަވައެވެ. މިކަމަކީ ކަމަލާއަށް އިންތިޚާބު ކާމިޔާބުކުރުމަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމެކެވެ.
ޕޮޕިއުލަރ ވޯޓަށް ބަލާއިރުވެސް ޓްރަމްޕް ވަނީ ކަމަލާއަށްވުރެ ގާތްގަނޑަކަށް 5 މިލިއަން ވޯޓު ކުރިއަށް ވަޑައިގެންފައެވެ. ނަމަވެސް، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ރައްޔިތުންގެ ވޯޓަކީ އެހާ މުހިންމު ވޯޓެއް ނޫނެވެ.
އެމެރިކާގެ ރައީސް އިންތިޚާބުކުރަނީ ރައްޔިތުންގެ ވޯޓާއި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުންނެވެ. މިއީ 18 ވަނަ ޤަރުނުގައި އެމެރިކާގެ "ފައުންޑިންގ ފާދަރސް" އިން ޤައުމުގެ ނިޒާމު ބައްޓަންކުރެއްވި ގޮތެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ޓްރަމްޕް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް، ބައެއް މުހިންމު ސްޓޭޓުތަކުގެ ނަތީޖާ އަދި ނުނިމި އޮތުމާއެކު، އިންތިޚާބުގެ ފައިނަލް ނަތީޖާ ކަށަވަރުކުރުމަށް އިތުރު ވަގުތު ނަގާނެކަމަށް ބެލެވެއެވެ.









