އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ގުނި ވޯޓުތަކުން ކުރީގައި އުޅުއްވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕްއެވެ. ޖޯޖިއާގެ ނަތީޖާއިންވެސް ކުރި ލިބުނީ ޓްރަމްޕަށެވެ. މިއީ 2020 ވަނަ އަހަރުގެ އިންތިޚާބާ އެއްގޮތަށް ޓްރަމްޕަށް ލިބުނު ކުރިއެރުމެކެވެ. މި ނަތީޖާއާއެކު މިހާތަނަށް ލިބިފައިވާ އިލެކްޓޯރަލް ވޯޓުން ޓްރަމްޕް ކުރިއަށް ޖެހިލައްވާފައިވާކަމަށް އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ޕޯލްތަކުން ދައްކައެވެ.
އެމެރިކާގެ އިންތިޚާބުތަކުގައި "ބްލޫ ވޯލް" ގެ ގޮތުގައި ސިފަ ކުރާ 18 ސްޓޭޓުގެ ތެރެއިން މިހާތަނަށް ޓްރަމްޕް ވަނީ 3 ސްޓޭޓަކުން ކުރި ހޯއްދަވާފައެވެ. މިއީ ޑިމޮކްރެޓުންނަށް ލިބުނު ބޮޑު ލޮޅުމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޕެންސިލްވޭނިއާ، މިޗިގަން، އަދި ވިސްކޮންސިންގެ ނަތީޖާއިން ކަމަލާ ކުރި ހޯއްދަވައިފިނަމަ އަދިވެސް އިންތިޚާބު ކާމިޔާބު ކުރެވިދާނެއެވެ. ނަމަވެސް، ޓްރަމްޕްގެ މި ކުރިއެރުމާއެކު ކަމަލާގެ މަގު ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އެކި މީޑިއާތަކުން އާންމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ޓްރަމްޕަށް 230 އާއި 246 އާ ދެމެދުގެ އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު، ހެރިސްއަށް 182 އާއި 210 އާ ދެމެދުގެ އިލެކްޓޯރަލް ވޯޓު ލިބިފައިވެއެވެ. އިންތިޚާބު ކާމިޔާބު ކުރެވޭނީ 270 އިލެކްޓޯރަލް ވޯޓް ލިބޭ ކެންޑިޑޭޓަކަށެވެ. އިންތިޚާބުގެ ނަތީޖާ އެންމެ ރަނގަޅަށް ލަފާ ކުރެވޭނީ އެންމެ މުހިންމު ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ 'ސްވިންގް ސްޓޭޓު'ތަކުގެ ނަތީޖާ ކަށަވަރުވުމުންނެވެ. ވަގުތީ ނަތީޖާއިން މިހާތަނަށް ދައްކާ ގޮތުން އޭގެ ތެރެއިން ގިނަ ސްޓޭޓުތަކުގައި ވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕް އެވެ. މިކަމަކީ ޓްރަމްޕަށް ދެވަނަ ދައުރެއް ކާމިޔާބުކުރުމުގެ އުއްމީދު އިތުރުވެގެންދާ ކަމެކެވެ.








