ހޮލިވުޑްގެ މަޝްހޫރު ތަރި މާގޮޓް ރޮބީ އާއި އޭނާގެ ފިރިމީހާ ޓޮމް އާކާލީއަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މާގޮޓް ވިހާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މައިންބަފައިންނާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، ދެފަރާތުގެ އާއިލާގެ މެންބަރުން ވަރަށް އަވަހަށް ލޮސް އޭންޖަލްސްއަށް ޒިޔާރަތްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޒުވާން ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އާންމުންނަށް ފާހަގަކުރެވުނީ އެ ދެމަފިރިން އިޓަލީގެ ލޭކް ކޯމޯގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ނެގި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެންނެވެ. އެ ފޮޓޯތަކުގައި މާގޮޓް ފެނިގެންދިޔައީ ހުދު ކުލައިގެ ކްރޮޕް ޓޮޕަކާއި ކަޅު ކުލައިގެ ޖީންސަކާއެކު ތަންކޮޅެއް ބޮޑު ޖެކެޓެއް ލައިގެން ހުއްޓައެވެ. އޭނާ ބަނޑު ބޮޑުކަން އެ ފޮޓޯތަކުން ފާހަގަކުރެވުނެވެ.
އެ ފޮޓޯތަކުގެ އިތުރުން، ޕީޕަލްސް މެގަޒިންގެ ބައެއް މުވައްޒަފުންވެސް ވަނީ މި ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަމަށް ބުނެފައެވެ. ނަމަވެސް، މި ދެމަފިރިން އަމިއްލައަށް މިކަން ހާމަނުކުރުމާ ގުޅިގެން، ބައެއް ފަރާތްތަކުން ބުނަމުން ގޮސްފައިވަނީ މި ހުރިހާ ރިޕޯޓުތަކަކީވެސް ދޮގު ޚަބަރުތަކެއް ކަމަށެވެ.
މާގޮޓް އާއި ޓޮމް އެންމެ ފުރަތަމަ ބައްދަލުވެފައިވަނީ 2013 ވަނަ އަހަރު "ސޫޓް ފްރެންޗައިސް" ފިލްމުގެ ޝޫޓިންގ ތެރޭގައެވެ.









