އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ބުރަ މަސައްކަތް ކުރަން ޖެހިފައި އޮތް އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރުގެ މަޤާމުން އެޑޫ ގަސްޕާ އިސްތިއުފާ ދީފިއެވެ.
އެޑޫ އެ ކްލަބުގައި ހުރި މަޤާމުން އިސްތިއުފާ ދިންކަން އާސެނަލްއިން ވެސް ވަނީ އިއްޔެ ކަށަވަރުކޮށްދީފައެވެ.
ކުރީގެ ކުޅުންތެރިޔާ ބުނީ އިސްތިއުފާދިނުމަކީ އުނދަގޫ ނިންމުމެކެވެ.
"މިއީ ގަބޫލުކުރަން ދަތި އުނދަގޫ ނިންމުމެއް. އާސެނަލް އިން އަހަންނަށް ލިބިފައިވަނީ އެތައް އަޖައިބު ކުރުވަނިވި ބަޔަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު... މިއީ ޚާއްޞަ ދަތުރެއް. ސްޓެން، ޖޯޝް، ޓިމް އަދި ލޯޑް ހެރިސް އަށް ދިން ސަޕޯޓަށް ޝުކުރު އަދާކުރަން،" އެޑޫ ނެރުނު ބަޔާނެއްގައި ބުންޏެވެ.
އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އެނބުރި އެ ކްލަބަށް އައީ ޓެކްނިކަލް ޑިރެކްޓަރުގެ މަޤާމުގައި 2019 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނޮވެމްބަރު 2022 ގައި އުމުރުން 46 އަހަރުގެ ސްޕޯޓްސް ޑިރެކްޓަރުގެ އާ މަޤާމަށް ޕްރޮމޯޓްވެ، ފިރިހެން، އަންހެން، އަދި އެކަޑަމީ ފުޓްބޯޅަ ބެލެހެއްޓި އެވެ.
ގަނާސްގައި ހޭދަކުރި ދުވަސްވަރު އެޑޫ ވަނީ މެނޭޖަރު މިކެލް އާޓެޓާ އާއި ވިލިއަމް ސަލީބާ، ގެބްރިއަލް މަގަލްހޭސް، މާޓިން އޮޑެގާޑް އަދި ޑެކްލަން ރައިސް ފަދަ ބައެއް ތަރިންނާ އެކު ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
އެޑޫ އިސްތިއުފާ ދިންއިރު އާސެނަލް އޮތީ ލީގުގެ 5 ވަނައިގައި 18 ޕޮއިންޓާއެކުއެވެ. އެއީ 10 މެޗު ކުޅެގެންނެވެ އެންމެ ފަހުން ކުޅުނު 3 މެޗުންވެސް އާސެނަލް އަކަށް މޮޅެއް ލިބިފައެއް ނެތެވެ. ޓީމުގައި އަނިޔާގެ މައްސަލަ ވެސް ވަރަށް ބޮޑެވެ.









