ސަރުކާރުން ފުލެޓު އެޅުމަށްވުރެ ރައްޔިތުންނަށް ގެދޮރު މިލްކު ކުރެވޭނެ ގޮތަށް، ރައްޔިތުންނަށް ލޯނު ދޫކުރުމުން ނަތީޖާ މާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ ހިޔާވަހި ފައިނޭންސިން ސްކީމް ތައާރަފްކުރުމަށް މިއަދު އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވިއެވެ. "ހަގީގަތުގައި ސަރުކާރުން ގެއެއް އަޅައިފައި ދިނުމަށްވުރެ މީގެން މި ސްކީމުން ލިބޭ ނަތީޖާ މާ ރަނގަޅު ވެސް ވާނެ. މާ ގިނަ ބަޔަކަށް އެހީ ވެސް އެބަ ލިބިގެންދޭ،"
ރައީސް ވިދާޅުވީ މިއަދު އިފްތިތާޙް ކުރެވުނު ލޯނު ސްކީމަކީ ބޯހިޔާވަހިކަމަށް ދާއީމީ ހައްލެއް ގެނައުމުގެ ގޮތުން ފެށުނު އެންމެ މުހިންމު ކަންތަކެވެç އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ލިބިފައިވާ ގޯތިތައް ޢިމާރާތްކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކުން އެހީވެދޭ ސްކީމެއް ތައާރަފްކުރެއްވުމަށް ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"...އަދި އަޅުގަނޑު ވައުދުވީ ފަދައިން މާލޭ ސަރަހައްދުން ލިބިފައި މިހުރި ގޯތިތައް ހެދުމަށް ޓަކައި އެހީތެރިކަމެއް ލިބޭ ސްކީމެއް ވެސް ތައާރަފްކުރަން މަސައްކަތް ވެސް އެބަކުރަން،" ރައީސް ވިދާޅުވިއެވެ.
ހިޔާވެހި ފައިނޭނެސް ސްކީމްގައި މާލެ ސަރަޙަދު، އަރބަން ސެންޓަރުތައް އަދި ވަކިވަކި ރަށްތަކަށް ދޫކުރާ ލޯނު ހިމެނެއެވެ. އެއީ އަތޮޅުތަކުގެ ރަށްތަކަށް 1 މިލިޔަން ރުފިޔާގެ ކެޕްގެ ލޯނު، އަރބަން ސެންޓަރުތަކަށް ޚާއްސަކޮށް 3 މިލިޔަން ރުފިޔާގެ ކެޕްގެ ލޯނު އަދި މާލެ ސަރަޙައްދުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ.









