ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ތޯހާ، އަފްޣާނިސްތާނުގެ ތާލިބާން މަންދޫބަކާ ބައްދަލުކުރެއްވި މައްސަލާގައި އޭނާ އަނބުރާ ރާއްޖެ ގެންނަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ ހުކުރު ދުވަހު، އިސްލާމާބާދުގައި ތޯހާ ވަނީ އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަޖައްސާފައިވާ ސަފީރު ސަރުދާރު އަހުމަދު ޝަކީބުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމާ ގުޅިގެން، ރާއްޖެއިން ތާލިބާން ޖަމާއަތުގެ ވެރިކަން ބަލައިގަތްތޯ ސުވާލު އުފެދުނެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިއްޔެ ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، ތޯހާ އެ ބައްދަލުވުން ބޭއްވީ ދިވެހި ސަރުކާރުގެ ހުއްދަ ނެތި ކަމަށާއި، އެކަމާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި އަބަދުވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ކަމަށް ބަޔާނުގައި ފާހަގަކުރިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން ވަނީ ތޯހާ އަނބުރާ ގެންނަން ނިންމައި، އެކަން އޭނާއަށް އަންގާފައެވެ. ނަމަވެސް، މިހާތަނަށް ފޮރިން މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ތޯހާ ޕާކިސްތާނުގެ ސަފީރުކަމަށް ޢައްޔަންކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ހަމަޖެހިފައިވަނީ ސައޫދީ އަރަބިއްޔާގެ ސަފީރަކަށެވެ. ނަމަވެސް، ފަހުން ސަރުކާރުން ވަނީ އޭނާ ޕާކިސްތާނަށް ބަދަލުކުރުމަށް ނިންމާފައެވެ.









