ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ބާރުވެރިކުރުމަށް "ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ މެންބަރު އިސްމާޢިލް ޙަބީބް ވިދާޅުވީ، މި ޕްރޮގްރާމުގެ އަމާޒަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ބާރުވެރިކުރުމަށް ތަމްރީންތައް މުޅި ރާއްޖޭގައި ހިންގުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ، އިންސާނީ ޙައްޤުތަކަށް ރާއްޖޭގައި މަސައްކަތްކުރާ މީހުން ބާރުވެރިކުރުވުން." ޙަބީބް ވިދާޅުވިއެވެ.
މި ޕްރޮގްރާމުން ތަމްރީނުވާ މީހުންނަކީ އިންސާނީ ޙައްޤުތަކަށް ޢާންމުން ހޭލުންތެރިކޮށް، ހަވާސާވެފައިވާ ފަރާތްތައް ބާރުވެރިކުރުވައި، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާ ބަޔަކަށް ވާނެ ކަމަށް ޙަބީބް ވިދާޅުވިއެވެ.
ޙަބީބް އިތުރަށް ވިދާޅުވީ، އިންސާނީ ޙައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކެއް ކަމަށާއި، މި ޙައްޤުތައް އެއްވެސް ތަފާތުކުރުމެއްނެތި އެންމެންނަށްވެސް ލިބުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ 4 ދުވަހުގެ މުއްދަތަށެވެ.
މީގެ ކުރިން އެޗްއާރުސީއެމްއިން ވަނީ މި ޕްރޮގްރާމް އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންގޮސްފައެވެ. މި ފަހަރުގެ ޕްރޮގްރާމުގައި މާލެއާއި އަތޮޅުތަކުން މީހުން ބައިވެރިވެއެވެ.









