ރާއްޖޭގައި ހިނގި އެކިއެކި ޙާދިސާތަކުގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށް ޚާއްޞަ އެލަވަންސެއްދީ، އެ ޢާއިލާތަކަށް ހާއްޞަކޮށްގެން މި ދައުރުގެ ތެރޭގައި ހައުސިން ޕްރޮގްރާމެއް ފަށްޓަވައި، އެ ޕްރޮގްރާމް ފުރިހަމަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 36 ވަނަ ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި 29 ސިފައިން އެކިއެކި ޙާދިސާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 1988 ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި 8 ސިފައިންނާއި 11 ޢާންމުން ހިމެނެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި އަންނަ އަހަރުން ފެށިގެން ޝަހީދުވި މީހުންގެ އާއިލާތަކަށާއި 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު 5 މީހަކާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 މީހުން ހިމެނޭހެން ޚާއްޞަ އެލަވަންސެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. މި އެލަވަންސް ދެއްވާނީ ކަނޑައެޅޭ ވަކި އުޞޫލެއްގެ މަތިން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޝަހީދުވި ސިފައިންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ހައުސިން ޕްރޮގްރާމެއް ހިންގަވަން ނިންމަވާފައިވާ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. މި ޕްރޮގްރާމުގެ ދަށުން 50 ހައުސިން ޔުނިޓް ހިމެނޭ ޢިމާރާތެއް މި ދައުރުގެ ތެރޭގައި އަޅައި ނިންމައި، ޢާއިލާތަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ޝަހީދުވި މީހުންގެ ޢާއިލާތަކަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. "ކުރީގައި ޝަހީދުވި މީހުންގެ ޢާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާއެއް ދީ ހެދި. ނަމަވެސް ފަހަކަށް އައިސް އެކަން ވެސް ވަނީ ހުއްޓިފައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެއް." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި އައު އިނާޔަތްތަކާއި ހައުސިން ޕްރޮގްރާމަކީ ޝަހީދުންގެ ޢާއިލާތަކަށް އިތުރު ލުޔެއް ލިބި، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.









