1988 ވަނަ އަހަރު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއިން ނަޞްރު ހޯދުމުގައި ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްދެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފިއެވެ.
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތެއްކަމަށްވާ، ނިޝާން ޢަސްކަރީގެ ވެރިކަމުގެ އިއްޒަތް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލަށް އެރުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޢިއްޒަތް ދެއްވީ ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކަށް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މި ޢިއްޒަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.
"ނިޝާން ޢަސްކަރީގެ ވެރިކަން" (ނ.އ.ވ) އަކީ ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީގޮތުން ސިފައިން ކުރާ ޚިދުމަތަށާއި، ޤައުމެއްގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްޞަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެވޭ ޢިއްޒަތެކެވެ.
މީގެ ކުރިން މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް ވަނީ ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ދެއްވާފައެވެ. ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހަރުދަނާ ގޮތުގައި ބިނާކުރެއްވުމަށް، މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.









