ރާއްޖޭގެ މަދަރުސާތަކުން ކިޔަވާ ނިންމާ ކުދިންގެ ތެރެއިން އިތުރު ތަޢުލީމީ ފުރުސަތު ނުލިބޭ ކުދިންނަށް ޤައުމީ ޚިދުމަތަށް ނުކުތުމުގެ ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މި ނިންމެވުން އިޢުލާނު ކުރެއްވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ރައީސް ވިދާޅުވީ، މި ޕްރޮގްރާމަކީ ސްކޫލް ނިންމުމަށްފަހު ވަޒީފާއެއް ނުވަތަ މަތީ ތަޢުލީމުގެ ފުރުޞަތު ނުލިބޭ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 16 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި، މިކަމަށް ޚާއްޞަ ޤާނޫނެއްވެސް އެކުލަވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ހިންގުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ޕްރޮގްރާމަށް އަހަރަކު 400 މިލިއަން ރުފިޔާ ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ކޮންމެ އަހަރަކު ސިފައިންގެއަށް 4000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1000 މީހުން އަލަށް ގުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކޯސްޓްގާޑު ވަރުގަދަކުރުމަށް ސްޕެޝަލް ސްކޮޑްރަންއެއް ފަށާފައިވާ ކަމަށާއި، ކޯސްޓްގާޑުގެ ފްލީޓް ދެގުނައަށް ބޮޑުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިވާ ކުދިންނަށް ރަނގަޅު ތަރުބިއްޔަތަކާއި މިލިޓަރީ ތަމްރީނު ލިބި، ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެކަމަށެވެ. މިއީ އެ ކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، ޤައުމަށާއި އަދި ސިފައިންގެ ޚިދުމަތަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.









