އެލައިޑް އިންޝުއަރެންސްއިން ހުއްޓާލާފައި އޮތް ކޭޝްލެސް ހިދުމަތް އަލުން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހު އާސަންދަ ހިދުމަތަށް ގެނައި ބަދަލާއި ގުޅިގެން، ބައެއް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ވަނީ އައުޓް ޕޭޝަންޓުކޮށް ހިޚިދުމަތް ހޯދާއިރު ދޭ ކޭޝްލެސް ސާވިސް މެދުކަނޑާލާފައެވެ. އެހެންނަމަވެސް، އެލައިޑް އިންޝުއަރެންސްއިން ރޭގެ ވަގުތެއްގައި ވަނީ އެ ޚިދުމަތް އަލުން ދޭން ފަށާފައެވެ.
އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ޢަބްދުﷲ ނިޔާފު ވިދާޅުވީ، އެލައިޑުން ކޭޝްލެސް ޚިދުމަތް އަލުން ފެށުމާއި ގުޅިގެން، މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ކުރިއެކޭ އެއްގޮތަށް އެލައިޑް އިންޝުއަރެންސް ކަވަރުކުރަމުންދާނެ ކަމަށެވެ. ނަމަވެސް ސޮލަރެލް އާއި އަމާނާ ތަކަފުލްއިން އަދިވެސް އޮތީ ކޭޝްލެސްކޮށް ޚިދުމަތް ނުދޭ ގޮތަށް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ، އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޚިދުމަތް ހުއްޓާލި ނަމަވެސް، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ކޮންމެ ޙާލަތެއްގައި ވެސް، ކުރިއެކޭ އެއްގޮތަށް އާސަންދަ ޚިދުމަތް ލިބޭނެ ކަމަށެވެ.









