ސްޕެއިންއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހިނގި އެކި ހާދިސާ ތަކުގައި މަރުވި މީހުންގެ ޢަދަދު 214 އަށް އަރައިފިއެވެ. މިއީ ފަހުގެ ތާރީޚުގައި އެޤައުމުގައި ހިނގި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ކަމަށާއި، ބައެއް މީހުން ގެއްލިފައިވާ ކަމަށް ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އިއްޔެ ވިދާޅުވެއްޖެއެވެ.
ޓީވީން ނެރުނު ބަޔާނެއްގައި ސަންޗޭޒް ވިދާޅުވީ މިހާރު ވެސް 2،500 ސިފައިންގެ އިތުރުން ތަންތަން ބަލައިފާސްކުރުމާއި ސާފުކުރުމުގައި އެހީތެރިވުމަށް އިތުރު 5،000 ސިފައިން ފޮނުވަމުންދާ ކަމަށާއި، މިއީ ސްޕެއިންގައި ސިފައިން ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.
ވެލެންސިއާގެ ސަރަހައްދީ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހުގެ ރޭ ބުނެފައިވަނީ 10 މީހަކު ގެއްލިގެން އުޅޭ ކަމަށާއި، އެ ސަރަހައްދުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 211 އަށް އަރާ ކަމަށެވެ. އޭގެ އިތުރުން ކަސްޓިލާ ލާ މަންޗާގައި ދެ މީހަކު އަދި އަންދަލޫސިއާގައި އެކަކު މަރުވެފައިވާ ކަމަށެވެ. ވެލެންސިއާއަކީ އެންމެ ބޮޑަށް މިކަމުގެ އަސަރުކުރި ސިޓީއެވެ.
ސަލާމަތްވި މީހުން ހޯދުމުގެ އުންމީދު މިހާރު ބޮޑުވެފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެއެވެ. ތިންދުވަސްދެން ތާށިވެފައި އޮތް އަންހެނަކު ދިރިހުއްޓާ ވެލެންސިއާއިން ވަނީ ސަލާމަތްކޮށްފައެވެ.









