އަފްޣާނިސްތާނުގެ ސަރުކާރުގެ މަންދޫބަކާއި ދިވެހި ހައިކޮމިޝަނަރު ބައްދަލުކުރައްވާފައިވަނީ ދިވެހި ސަރުކާރަށް ނޭނގިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދާދި ފަހުން ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރާއި އިސްލާމްއާބާދުގައި ހުންނަވާ އަފްޣާނިސްތާނުގެ މަންދޫބަކާ ދެމެދު ބޭއްވުނު ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި، އެ ބައްދަލުވުން ބާއްވާފައިވަނީ ސަރުކާރަށް އެންގުމަކާ ނުލައި ކަމަށެވެ.
މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު މިހާރު އަޅާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލު އުފެދޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަބަދުވެސް ޢަމަލު ކުރަނީ އދ. ގެ އާންމު މަޖިލީހުން ޢަމަލުކުރާ ގޮތަށް ކަމަށެވެ. އެގޮތުން މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އދ.ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ސަރުކާރަކީ އަފްޣާނިސްތާނުގެ ޤާނޫނީ ސަރުކާރުގެ ގޮތުގައި ރާއްޖެއިން ޤަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ޠާލިބާނުންގެ ސަރުކާރަކީ ޤައުމުތަކުން މިހާތަނަށް ބަލައިގަނެފައިވާ ސަރުކާރެއް ނޫނެވެ.









