ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ނޭޝަނަލް ސޯޝަން ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެދެފިއެވެ.
އެންސްޕާއިން މިފަދައިން އެދެފައިވަނީ އަމިއްލަ އިންޝުއަރެންސް ސްކީމުތަކަށް އިސްކަންދޭ ގޮތަށް އާސަންދަ އައުޓްޕޭޝަންޓް ޚިދުމަތަށް ގެނައި ބަދަލާއި ގުޅިގެން ބައެއް ފަރާތްތަކުން ޞައްޚަނޫން މަޢުލޫމާތުތައް ފަތުރާތީއެވެ..
އެގޮތުން އެންސްޕާގެ ނޫސްބަޔާނުގައި ވަނީ އަމިއްލާ އިންޝުއަރެންސް ނުލިބޭ ހުރިހާ ޙާލަތެއްގައި އާސަންދަ މެދުނުކެނޑި ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އަމިއްލަ އިންޝުއަރެންސް ނުލިބި އާސަންދަ ހުއްޓާލިކަމަށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ވާހަކަތައް ދޮގުކޮށްފައެވެ.
އެންސްޕާއިން ބުނެފައިވަނީ އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓު ހުއްޓާލުމުުގެ ސަބަބުން ކަމުގައިވިޔަސް، އަމިއްލަ އިންޝުއަރެންސް ކަވަރޭޖުން ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ހުރިހާ ޙާލަތެއްގައި ކުރިއެކޭވެސް އެއްގޮތަށް އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ ކަންކަމާއި ގުޅިގެން ޙަޤީޤަތް އޮޅޭގޮތަށް ވާހަކަ ނުފެތުރުމަށާއި، މަޢުލޫމާތު ސާފުކުރަން ބޭނުން ނަމަ އާސަންދަ ކުންފުނީގެ ހޮޓްލައިން ނަންބަރު 1400 އަށް ގުޅުމަށް އެންސްޕާއިން އެދިފައިވެއެވެ.









