އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ކުޅުނު މެޗުގައި ނިއުކާސަލް ކައިރިން ބަލިވެއްޖެއެވެ. އާސެނަލް އިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރުވެސް އާސެނަލްގެ ލީގު ފޯމު އޮތީ ދަށްކޮށެވެ. އެގޮތުން އެ ޓީމުން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުގައިވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާސެނަލް މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓާއެކުގައެވެ.
ރޭ މެޗުގެ 12 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ އާސެނަލް ކޮޅަށް ގޯލު ޖަހައިފައެވެ. އެއީ އާސެނަލްގެ ފަހަތުން ރަނގަޅަށް ބޯޅަ ސާފުކޮށް ނުލެވިގެން އުޅުމުގެ ތެރޭގައި ފަހިވި ފުރުސަތަކުން އެލެކްސެންޑްރާ އިސާކް ޖެހި ގޯލެކެވެ. ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ އެންތޮނީ ގޯޑޮންއެވެ.
އާސެނަލް އިން ފުރަތަމަ ހާފުގައި އެއްވަރުކުރެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވެ، ދެވަނަ ހާފުގައި ކޯޗު މިކޭލް އާޓެޓާ ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. އީތަން ވަނޭރީއާއި ގެބްރިއަލް ޖީސަސްވެސް އެޓޭކަށް ނެރެފައިވާ އިރު، އާސެނަލްގެ ހަމަލާތައް ފެނުނީ މަދުކޮށެވެ.
މިދިޔަ ދެ ސީޒަނުގައިވެސް ލީގު ތާވަލުގެ ދެވަނައިގައި ނިންމާލި އާސެނަލަށް މި ފަހަކަށް އައިސް އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ އިރު، މިރޭގެ މެޗަށްވެސް އާސެނަލް ނުކުންނަން ޖެހުނީ ކެޕްޓަން މާޓިން އޮޑިގާޑް ނުލައެވެ. އޭގެ އިތުރުން މި ސީޒަނަށް ގެނައި ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީވެސް މި ވަގުތު ހުރީ އަނިޔާގައެވެ.
އާސެނަލް ކައިރިން މޮޅުވެ ނިއުކާސަލކާސަލް ލީގު ތާވަލުގެ އަށް ވަނައަށް ޖެހިލީ 10 މެޗުން 15 ޕޮއިންޓާއެކުގައެވެ.









