މިމަހުގެ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން މިއަދު އިޢުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ނަސްރުގެ ދުވަހާ ގުޅިގެން ބަންދުކުރާ ނޮވެމްބަރު 3 އަދި ޖުމްހޫރީ ދުވަހާ ގުޅިގެން ބަންދުކުރާ ނޮވެމްބަރު 10 ގައިވެސް މާލޭ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މި ދުވަސްތަކުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އާންމުކޮށް ބަންދު ދުވަސްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެއެވެ. ނަމަވެސް ބަންދު ދުވަސްތަކުގެ ކުރިން ދުރާލާ ޕާސްޕޯޓުގެ މުއްދަތު ބަލައި، ބޭނުންވާ ފަރާތްތަކުން އަވަހަށް ހުށަހެޅުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ. އަދި އިމަޖެންސީ ޙާލަތްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް އެ އިދާރާއިން އަބަދުވެސް ފޯރުކޮށްދެއެވެ.









