ޕްރިމިއަރ ލީގުގައި މާދަމާ ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ރިކާޑޯ ކަލަފިއޯރީއަށް ނުކުޅެވޭނެކަން އާސެނަލްގެ ކޯޗު އާޓެޓާ ކަށަވަރުކޮށްދީފިއެވެ.
އިޓަލީގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ކަލަފިއޯރީގެ ކަކުލަށް އަނިޔާވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެޓްސްކާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ ލަންޑަނުގައި އާސެނަލް އާއި ޕެރިސް ސެއިންޓް ޖާމައިން ބައްދަލުކުރި މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ (ކ) ރިކާޑޯ ކަލަފިއޯރީއާ އަތް ޖަހާލަނީ. އީޕީއޭ-އީއެފްއީ
އޭނާގެ އަނިޔާ ސީރިއަސް ނޫން ނަމަވެސް ދުވަސްކޮޅަކު އޭނާ ރެސްޓުކުރަން ޖެހިފައިވާ ކަމަށް ކޯޗު އާޓެޓާ ބުންޏެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ނޮވެމްބަރު މަސް ނިމުމާއި ޑިސެމްބަރު މަސް ފެށުމުގެ ކުރިން އާސެނަލްގެ ކުޅުމަށް ކަލަފިއޯރީ އެނބުރި ނުދާނެއެވެ. އެގޮތުން މި މަހުގެ ފަހުކޮޅު އިޓަލީން ނޭޝަންސް ލީގުގައި ފްރާންސާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވެސް އޭނާ އަށް ނުކުޅެވޭނެ ކަމަށް ބެލެވެއެވެ.
މިދިޔަ ހޫނު މޫސުމުގައި 50 މިލިއަން ޔޫރޯއަށް އާސެނަލްއާއި ގުޅުނު ކަލަފިއޯރީ ވަނީ ކުޅުނު 10 މެޗުން އެއް ލަނޑު ޖަހައިދީފައެވެ.









