ކުރީގެ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމިގެންދިޔައިރު ދިވެހިރާއްޖެއަށް އެއްވެސް ވަރެއްގެ ތަރައްޤީއެއް ގެނެސްދެވިފައި ނުވާކަމީ ދިވެހި ރައްޔިތުން ޤަބޫލު ކުރާ ހިތި ހަޤީޤަތެކެވެ. ޞާލިޙްގެ ވެރިކަމުގައި ރާއްޖެއަށް ތަރައްޤީ ނުގެނެވުނު ތަނުގައި، ވެރިކަން ނިމުނު އިރު މުޅި ޤައުމު އޮތީ ދަރުވާލާފައިކަމީވެސް އެކަމުގެ ހިތި ނަތީޖާ ދިވެހި ރައްޔިތުން އަދިވެސް ތަޙައްމަލު ކުރަމުން އަންނަ ކަމެކެވެ. އަދި މަޝްރޫޢުތަކުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ އެތައް ޢަމަލެއް ހިންގާފައިވާއިރު، ކުށް ކުރާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެ، ނުރައްކާތެރި މާޙައުލެއް ވަނީ އުފައްދާފައެވެ. މީގެ އިތުރުން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުން ވެސް ވައްކަންކޮށް، އެތައް މަޝްރޫޢެއްގެ މަސައްކަތް ވަނީ ގަސްތުގައި ހުއްޓާލާފައެވެ. އަދި ކުންފުނިތައްވެސް ވަނީ ބަނގުރޫޓުކޮށްލާފައެވެ.
ދިވެހިންގެ ލޭނާރާ ގުޅިފައިވާ މަސްވެރިކަމަށް ވެސް ކުރީ ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. ވެރިކަން ނިމިގެން ދިޔައިރުވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ، އެމީހުންގެ ޙައްޤުތައް ކަށަވަރު ނުކޮށް، އެމީހުން މަގު މައްޗަށް ބިކަކޮށްލި މަންޒަރު ފެނިގެން ދިޔައެވެ. އެތައް ފައިސާއެއް ޗާޕު ކުރި އިރުވެސް މަސްވެރިންނަށް ފައިސާވެސް ދީފައެއް ނުވެއެވެ.
މިފަދަ ބިރުވެރި އެތައް ތަޖުރިބާތަކަކަށް ފަހު ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ނަންގަވަމުން އަންނަ ހިތްވަރުގަދަ ފިޔަވަޅުތަކުންނާއި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުންނެވެ
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މާލީ ޙާލަތު ނުހަނު ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް، ރަނގަޅު ރިޒާވެއް އުފައްދަވައި، ހަރުދަނާ ރަނގަޅު އިޤްތިޞާދީ ސިޔާސަތެއް ތަޢާރުފު ކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށާއި، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރެއްވުމަށް މިއަދުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.
މާލީ ޙާލަތު ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅުތަކެއް
ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު އެންމެ ޚާއްސަ އިސްކަމެއް ދެއްވާފައިވަނީ ޤައުމަށް ކުރިމަތިކޮށްފައި އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ދިވެހި ރައްޔިތުންނަށް އުފާވެރި، ތަނަވަސް ދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކައެވެ. އެގޮތުން ދާދި ފަހުން ވެސް އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ބަޖެޓަށް އެދި ހުށަހަޅާ އިރު، ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ނިންމަވާފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައިވާ މި ފިޔަވަޅުގައި 12000 އަށް ވުރެ ކުޑަ މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ވެގެން ވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ. ސިޔާސީ ވަޒީފާތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށްވެސް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100,000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އޭގެތެރޭގައި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކާއި ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ. އެގޮތުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައިވެސް 16 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާކަން އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކޭނެ ގޮތް ހެދުމަށް ޓެކްސް ޤާނޫނަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާވެސް ޑޮލަރުން ޖަމާކުރެވޭނެ ގޮތަށް ޤާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ޓެކްސް ބޭސް ބޮޑުކުރުމާއި، ސަބްސިޑީސްތަކަށް ބަދަލުގެ ގެނައުމަކީވެސް މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އެކުލާވާފައިވާ މަގުޗާޓުގައި ހިމެނޭ ކަންކަމެވެ.
މި ހުރިހާ ފިޔަވަޅުތައް އަޅުއްވަމުން ވެސް މި ސަރުކާރުން އަންނަނީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންނެވެ.
މަސްވެރިންނަށްވެސް އަޅާލީ މި ސަރުކާރުން
މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން މިހާތަނަށް ވަނީ މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން ދީ ޚަލާސްކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރި އިރުވެސް، ވެރިކަން ބަދަލުވި އިރު، ދައުލަތުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތެވެ. އަދި ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރި އިރުވެސް ދައުރު ނިމުނު އިރު ވެސް އެ ރޭޓުގައި މަސްވެރިންނަށް އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ. މީގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހުނު ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އެ އަދަދު 500 މިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަން ޝިޔާމް ފާހަގަކުރެއްވިއެވެ. މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް މިހާރު ބަދަލު ކުރެވިފައިވާކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއާ ޙަވާލުކުރައްވާފައިވާކަން ހާމަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައިވާ ފަދައިން، 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި މަސްވެރިން މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރު ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަކީ، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މާލީ ވަޒީރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެފައިވަނީ މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އެ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާއެވެ.
މި ޚަރަދުތަކުގެ އިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދަޢުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމެނޭއިރު، އޭގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މިފަދަ އެތައް ފިޔަވަޅުތަކެއް މި ސަރުކާރުން އަޅަމުން އަންނަނީ ދިވެހިންނަށް އުފާފާގަތި، ތަނަވަސް މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ޓަކައެވެ. ވެރިކަމަށް ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވާއިރު، މި އުފާވެރި ދުވަސްތަކުގެ ތަޖުރިބާ ދިވެހިން ވަނީ ކުރަން ފަށާފައެވެ. އަދި ކުރީ ސަރުކާރާ ޚިލާފަށް، މި ސަރުކާރުން ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރަން ފަށާނީ ވެރިކަން ނިމެން ކައިރިވެ، ރިޔާސީ އިންތިޚާބު ބޯމަތިވުމުން ނޫންކަން ރައީސް މުޢިއްޒު އަންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސާބިތުކޮށްދެއްވަމުންނެވެ.









