ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ހުޅުމާލޭގައި ވެހިކަލް ދޮވެ ސާފުކުރުމަށް ބިދޭސީން ތިބޭ 5 ސަރަޙައްދެއް ބަލައި ފާސްކުރުމަށްފަހު، ސައްހަ ވިސާ ނެތި އުޅެމުން ދިޔަ 5 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ. މި އަހަރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުން ކަމަށާއި، މިހާތަނަށް 4000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހުޅުމާލޭގައި ވެހިކަލް ދޮވެ ސާފުކުރުމަށް ބިދޭސީން ތިބޭ 05 ސަރަހައްދެއް އިއްޔެ ވަނީ ބަލައި ފާސްކޮށްފައި. އަދި ގަވާއިދާ ހިލާފަށް ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. pic.twitter.com/jrLzWn78VV
— Maldives Immigration (@ImmigrationMV)
އިމިގްރޭޝަނުން އިތުރަށް ބުނީ، މިހާތަނަށް ފުރުވާލެވުނު ފަރާތްތަކުގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތްތަކާއި، އަމިއްލައަށް ފުރަން އެދުނު ފަރާތްތަކާއި، އަދި އިމިގްރޭޝަނުން ނޯޓިސް ދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މައްސަލައެކެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މި މައްސަލައަށް އެދެވޭ ނަތީޖާތަކެއް ފެންނަމުންދާކަން ފާހަގަކުރެވެއެވެ.









