ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން އެކަކު ކަމަށްވާ ކްލައުޑިއޯ ރަނިއޭރީ، ކޯޗުކަން ހުއްޓާލުމަށްފަހު އަނެއްކާވެސް ކޯޗިންގ އަށް އެނބުރި އައުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. މިދިޔަ މެއި މަހު ކޯޗުކަން ހުއްޓާލުމަށް ނިންމި ނިންމުން ބަދަލުކޮށް، އުމުރުން 73 އަހަރުގެ މި އިޓަލީ ކޯޗު ވަނީ އަލުން ކޯޗިންގ އަށް އެނބުރި އައުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މީޑިއާ ރިޕޯޓުތަކުގައި ވާގޮތުން ރަނިއޭރީ ހުރީ އާ ޗެލެންޖެއް ނަގަން ތައްޔާރަށެވެ. އަދި ޓީމެއްގެ ކޯޗުކަން ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަމާމެދު ވިސްނާނެ ކަމަށްވެސް ބުނެފައިވެއެވެ.
"އަހަރެން އިޢުތިރާފުވަން އަހަރެން މިހުރީ އާ ޗެލެންޖެއް ނަގަން ތައްޔާރަށް، މިހާރުވެސް ބައެއް ހުށަހެޅުންތަކަށް ދެކޮޅު ހަދާފައި ހުރި ނަމަވެސް… ގުޅާނަމަ އަހަރެމެން ބަލާނަން،" ރަނިއޭރީ ބުންޏެވެ.
އެހެންނަމަވެސް ރަނިއޭރީ ވަނީ އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަން ކުރުމަށް ޝައުގުވެރިކަމެއް ނެތްކަން ސާފުކޮށް ބުނެފައެވެ. އޭނާ ބުނެފައިވަނީ މިހާރުގެ އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ އަށް ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.
ރަނިއޭރީ މިހެން ބުނީ އޭނާ ރޯމާގެ ކޯޗުކަމަށް އެނބުރި އައުމުގެ ފުރުޞަތު އޮތް ކަމަށް އިޓަލީގެ ނޫސްތަކުގައި ރިޕޯޓުކުރެވޭ ދުވަސްވަރެއްގައެވެ. ނަމަވެސް ރަނިއޭރީ ވަނީ ރޯމާއަށް އެނބުރި އައުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނުމުން ދެކޮޅުހަދާފައެވެ.
ރަނިއޭރީގެ ކޯޗިންގ ކެރިއަރުގައި ޗެލްސީ، ޔުވެންޓަސް، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭއެސް ރޯމާ އަދި މޮނާކޯ ފަދަ ޔޫރަޕްގެ ވަރުގަދަ ކްލަބުތަކަށް އިރުޝާދުދީފައިވެއެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރުމެވެ.









