އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އަށް ބަލިވެ، އެންމެ ފަހުގެ ރަނަރަޕް ޗެލްސީ މުބާރާތުން ވަކިވެއްޖެއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ނިއުކާސަލް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑަރ އިސާކްއެވެ. އޭގެ 3 މިނެޓު ފަހުން، 26 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު 2-0 އަށް ފުޅާކޮށްފައެވެ.
ދެވަނަ ލަނޑަކީ ނިއުކާސަލްއިން ފޮނުވާލި ހަމަލާއެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ޑިފެންޑަރު އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ދެ ލަނޑުގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ސްކޯރ އަކަށް އިތުރު ބަދަލެއް ނާދެއެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. މި ހާފުގައި ޗެލްސީއިން ވަނީ ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތަކުން އެއްވެސް ލަނޑެއް ކާމިޔާބުކުރުމަށް ޗެލްސީއަށް ނުކުޅެދުނެވެ.
ޗެލްސީ އަށް ދެން އެންމެ އަވަހަށް އޮތީ ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.









