މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ތިމާއަށް ނުވަތަ ތިމާގެ ދީނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތި ނަމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ފިރިހެނަކު ވިޔަސް އަދި އަންހެނަކު ވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، އެ މީހަކަށް ނުވަތަ އެ މީހެއްގެ ދީނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، އަދި ކާމިޔާބީއެއް ނެތް ކަމަށެވެ.
މީގެ އިތުރުން، ރައީސް ވަނީ ޤުރުއާނުގެ އާޔަތެއް ޙަވާލާދެއްވާފައެވެ. އެއީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައި ވިއެވެ." މިއެވެ.
ރައީސްގެ މި ބަސްފުޅުތައް އައިސްފައިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމާއި ގުޅިގެންނެވެ. ސަރުކާރުން ވަނީ މި އިވެންޓުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ހާމަކޮށްފައެވެ. އަދި މި އިވެންޓުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުމަށް ދިޔަ ފަރާތުން އެ ޢަމަލު ހުއްޓައިލުމަށް ގޮވާލައި ސަރުކާރުން ވަނީ މިއަދު ނޫސް ބަޔާނެއްވެސް ނެރެފައެވެ.









