އިމާމުންނާއި ޚަޠީބުންނަށް އިންޑޮނޭޝިޔާއަށް އިތުރު ތަމްރީން ޙާޞިލްކުރުމަށް ތަމްރީން ދަތުރެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދަތުރަކީ އިސްލާމިކް މިނިސްޓްރީއާއި އެންޑޮވްމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 7 ދުވަހުގެ މި ދަތުރަށް، ދަތުރުގައި ބައިވެރިވެލައްވާ އިމާމުން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި އެނބުރި އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ދަތުރުގައި ބައިވެރިވާ އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް އިންޑޮނޭޝިޔާއިން ހަމަޖައްސައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަން ޖެހޭނީ ބައިވެރިން އަމިއްލައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގައި ބައިވެރިވުމަށް އެދޭނަމަ https://forms.office.com/r/aNQftFPrpf މެދުވެރިކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރު އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދެއްވާކަމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު މިހާތަނަށް އިމާމުން ވަނީ ސަޢުދީ އަރަބިއްޔާއަށާއި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް ދަތުރުތައްކޮށްފައެވެ.









