އާސެނަލްގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލްގެ ކަކުލަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފިއެވެ.
26 އަހަރުގެ ގެބްރިއަލްއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފުތާގެ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާގެ ވާތު ފައިގެ ކަކުލުހުޅަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގެ ފަހު ހާފުގައި ބަދަލުކުރަން ޖެހުނެވެ.
"ކުރީން ހީކުރި ގޮތާ ޚިލާފަށް އަނިޔާ ސީރިއަސް ނޫން. އަދިވެސް އިތުރު މަޢުލޫމާތުތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދަނީ،" އިނގިރޭސި ލީގު ކަޕްގައި ޕްރެސްޓަން ނޯތު އެންޑްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި އާޓޭޓާ ބުނެފިއެވެ.
މީގެއިތުރުން، ލިވަޕޫލް މެޗުގެ ފަހުބައިގައި ބަދަލުކުރަން ޖެހުނު އާސެނަލްގެ ނެދަލެންޑްސް ޑިފެންޑަރު ޔޫރިއަން ޓިމްބާއަށް އަނިޔާއެއް ކުރިމަތިވެފައިނުވާ ކަމަށްވެސް އާޓޭޓާ ބުނެފައިވެއެވެ.
މި ފަހަރުގެ ސީޒަނުގެ ކުރީބައިގައި އާސެނަލްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވެއެވެ. މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑާއި އިޓަލީގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ހިމެނެއެވެ. އެހެންނަމަވެސް އިނގިރޭސި ވިންގް ބުކާޔޯ ސަކާ އަނިޔާއަށްފަހު ކުޅުމަށް އެނބުރި އައީ މި ހަފުތާގެ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައެވެ.









