ދިވެހިރާއްޖެއިން އިންޑިއާއާއި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ އައު ސަފީރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުއްވި ޚަބަރެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރެއްވީ މާފަންނު ބީނާފުށި، އާއިޝަތު ޢަޒީމާ ކަމަށެވެ. އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަޙްމަދު ސަރީރު ކަމަށެވެ.
ސަޢުދީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވި ސަރީރު، މީގެ ކުރިން ހުންނެވީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓްލާޖުގެ މަޤާމުގައެވެ. ސަރީރު ވަނީ ކުރިން ބަންގްލަދޭޝް، އދ. އަދި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމުތައް ފުރުއްވާފައެވެ.
އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވި ޢަޒީމާ، މީގެ ކުރިން ހުންނެވީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ. ޢަޒީމާ ވަނީ ދިވެހި ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. އަދި ކުރިން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ.









