ގުޅީފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި އަލުން ގުރު ނަގަން ފަށައިފިއެވެ.
ހައުސިންގ މިނިސްޓްރީން މި ގުރުއަތު ނެގުން ކުރިއަށްގެންދަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ގުރު ނެގުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ.
އަލުން ގުރު ނަގަނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް އައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާތީއެވެ. ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައިވެސް މި ގުރުއަތު ނެގުން ކުރިއަށްދާނެއެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނަކީ:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ ހައުސިންގ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.
ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއަކާއެކު ހާޒިރުވުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ގުޅީފަޅުން ގޯތި ލިބުނު އެންމެންގެ މެދުގައި މިއަދު ގުރުނަގާއިރު، ގުޅީފަޅުން މިހާރު ދޫކުރަން ނިންމާފައިވަނީ 3,520 ގޯއްޗެވެ. މީގެ ތެރޭގައި ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން ލިބުނު ފުރުސަތުގައި އެ ގޯތި ބަދަލުކުރި މީހުންވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގިރާވަރު ފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް އެދިފައިވަނީ 2,210 މީހުންނެވެ.









