ޤައިދީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީން މި އަހަރުގެ މިހާތަނަށް 210 ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ކ. މާފުށި ޖަލާއި، ހުޅުމާލެ ޖަލުގެ އިތުރުން ކ. ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ކަމަށެވެ. މި ޕްރޮގުރާމްތައް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ދީނީ ދަޢުވާ ސެކްޝަންގެ ފަރާތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން މާފުށީ ޖަލުގައި 63 ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، ކ. ހިންމަފުށި ޖަލުގައި 76 ޕްރޮގުރާމް އަދި ހިންމަފުށި ޑްރަގް ރިހޭބިލިޓޭޝަން ސެންޓަރުގައި 31 ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ހުޅުމާލެ ޖަލުގައި 40 ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 'ރިސާލަތު' ނަމުގައި ދީނީ ދަޢުވަތުގެ އެކްޝަން ޕްލޭންއެއް ތައްޔާރުކޮށް ދަޢުވަތުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.









