ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 2،000 ކާޓޫނުގެ ސިގެރޭޓް ކަސްޓަމްސް އިން ހިފަހައްޓައިފައެވެ. މި ތަކެތި އަތުލައިގަތީ ކ. ތިލަފުށީގައި ބަނދަރުކޮށްފައި އޮތް ހޯކްސް ކުންފުނީގެ ތެޔޮ ބޯޓަކުންނެވެ. ހޯކްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏެކެވެ.
މަޢުލޫމާތު ލިބިފަވާ ގޮތުގައި މި 2،000 ކާޓޫނު ޑިކްލެއާ ކޮށްފައިވަނީ ޓިޝޫގެ ގޮތުގައެވެ. މި ކާޓޫނުތަކުގައި ޖުމްލަ 400،000 ސިނގިރޭޓް ހިމެނެއެވެ. މިހާރުގެ ރޭޓުން ބަލާއިރު މިއީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޓެކުހެވެ. އަދި ސަރުކާރުން ގެންނަން ނިންމާފައިވާ އައު ބަދަލުތަކާއެކު މިއީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެއްޗެވެ.
ސަރުކާރުން ވަނީ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގެ އެޑް ވެލޮރަމް ރޭޓް 50 އިންސައްތައިން 100 އިންސައްތައަށް މަތިކުރުމަށް ވެސް ނިންމާފައިވެއެވެ. މި ބަދަލުތައް ތަންފީޛުކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ހޯކްސް ކުންފުނީގެ ބެލުމުގެ ދަށުން ގެނެސްފައިވާ މި ސިގެރޭޓާއި ބެހޭގޮތުން އެކުންފުނިން ބުނީ މިއީ ހޯކްސް ކުންފުނީގެ މެނޭޖްމެންޓަށް އެނގިގެން ހިނގި ހާދިސާއެއް ނޫންކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ. ހޯކްސްގެ އުޅަނދުގައި ގެނަޔަސް، މި ސިގެރޭޓަކީ ކޮން ބަޔަކާއި ގުޅުންހުރި އެއްޗެއް ކަމެއް އަދި ނޭނގެއެވެ.









