މާލެ ސަރަހައްދުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައާ ގުޅުންހުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނަކީ މި މެއި މަހުގެ 4 ވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވި މީހުން ހޯދުމަށްޓަކައި ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. ހައްޔަރުކުރި މީހުންގެ ތަފްސީލަކީ:
- އަބްދުﷲ ރާއިފް (27އ)، ލ. ކަލައިދޫ / ހިޔާވަހި
- އެމް ޑީ ޖޯޝިމް އުއްޑިން (43އ)، ބަންގްލަދޭޝް
- މަމުން ދަލި (32އ)، ބަންގްލަދޭޝް
މި ތިން މީހުންގެ މައްޗަށް ކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު، އެ ތަންތަނުން 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ. ކަސްޓަމްސްއިން އަތުލައިގަތް ހަތް ކިލޯއާއެކު، މި އޮޕަރޭޝަނުގައި ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ރާއިފް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުން ގެންދަނީ ސިލްސިލާކޮށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.









