ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕްލޭނުގައި ކުންފުނިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނާފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. މި ޕްލޭނަކީ ހުސެއިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާއި ތަހުޒީބާއި ކުރިއެރުންތަކާ އެއްހަމައަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ގެންދިއުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ.
މި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖީރިއަލް މުވައްޒަފުން ހިމެނޭ އިލްމީ އަދި ޤާބިލު ޓީމަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މި ޓީމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓެޖިކް ކޮމިޓީގެ ޚާއްސަ އިރުޝާދުގެ ދަށުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، މި ޕްލޭނުގައި ކުންފުނީގެ ޑިޕާޓްމަންޓްތައް ހިންގުމަށްވެސް ވަކި ޕްލޭންތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެކުލަވާލެވިފައިވާ ފްރޭމްވޯކްގައި 5 ސްޓްރެޓެޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓެޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މި އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމަށާއި ޔުޓިލިޓީ ޚިދުމަތްތަކުގެ ސިނާޢަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި، ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާއީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށެވެ..
ސްޓެލްކޯގެ މި އައު ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމާ ގުޅިގެން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މި ޕްލޭނަކީ ކުންފުނީގެ މުސްތަޤުބަލަށް ވަރަށް މުހިންމު ލިޔުމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްލޭނުގެ ސަބަބުން ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.
ސްޓެލްކޯގެ ބޯޑު މެންބަރެއް ކަމަށްވާ އަހުމަދު ޝަފީޤު ވިދާޅުވީ މި ޕްލޭނުގައި ހިމެނިފައިވާ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި ޕްލޭނުގެ ސަބަބުން ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވެ، ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ މި އައު ޕްލޭނުގައި ހިމެނޭ މުހިންމު ބައެއް ލަނޑުދަނޑިތަކުގެ ތެރޭގައި:
- ކަރަންޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުން.
- އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުން.
- ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުން.
- ކަސްޓަމަރ ސަރވިސްގެ ފެންވަރު މަތިކުރުން.
- މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
މި ޕްލޭނާ ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ޕްލޭނުގެ ކުރިއެރުން ބެލުމަށް އަހަރަކު އެއްފަހަރު ރިވިއު ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ރޭވިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ޕްލޭން އިފްތިތާޙުކުރުމުގެ ރަަސްމިއްޔާތުގައި ސްޓެލްކޯގެ އިސް މުވައްޒަފުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.









